"އަދަދު" ނޫހަށް ކޯޓުން ނެރުނު ގޭގް އަމުރު އިސްތިއުނާފު ކުރަން އެމްޖޭއޭއިން މަސައްކަތް ފަށައިފި

"އަދަދު" ނޫހަށް ކޯޓުން ނެރުނު ގޭގް އަމުރު އިސްތިއުނާފު ކުރަން އެމްޖޭއޭއިން މަސައްކަތް ފަށައިފި

Author
އަހުމަދު
13 މެއި 2026 12:45
0

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ގޭގް އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފަށައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ޚިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ވަނީ ޖަލަށްލާފައެވެ. އެގޮތުން އެމްޖޭއޭގެ ނައިބު ރައީސްކަންވެސް ކުރައްވާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ނިންމާފައިވާއިރު، ލީވާން އަލީ ނާސިރު ޖަލަށްލާން ނިންމީ 10 ދުވަހަށެވެ. އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓުގެ މި އަމުރަކީ ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުން މަހުރޫމުކުރުވާ އަމުރެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާވެސް ޚިލާފު އަމުރެއް ކަމަށް އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.

މި ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކުރުމުގެ ތުހުމަތުގައި "އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޝަރީއަތް ސިއްރުކޮށްގެން މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކޯޓުގެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީ މުޖުތަމައުގައި ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ނުދެއްކުމަށް އަންގާފައެވެ. މި މައްސަލައިގެ ތަހުގީގަށް މިދިޔަ މަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" އޮފީސް ބަލައިފާސްކޮށް، ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކޮށްފައެވެ. ނަމަވެސް އެ ދެބޭފުޅުންވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.