ހޮރްމޫޒް ކަނޑުއޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާ އާއި ޗައިނާއިން އެއްގަލަކަށް

ހޮރްމޫޒް ކަނޑުއޮޅިން ފީ ނެގުމާ ދެކޮޅަށް އެމެރިކާ އާއި ޗައިނާއިން އެއްގަލަކަށް

Author
އަހުމަދު
13 މެއި 2026 09:45
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މުހިންމު ސަމިޓުގެ ކުރިން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން އެއްވެސް ފަރާތަކަށް ފީ ނުނެގޭނެ ކަމަށް އެ ދެ ގައުމުން އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ނިންމުމަށް އައިސްފައިވަނީ އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ މިދިޔަ މަހު ކުރެއްވި ފޯނު ކޯލެއްގަ އެވެ. ބައިނަލްއަގްވާމީ ކަނޑުގެ މަގުތަކަކީ އެންމެންނަށް އަމާންކަމާއެކު ދަތުރުކުރެވެންޖެހޭނެ ތަންތަން ކަމަށާއި، އެފަދަ ތަންތަނުން ފީ ނެގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެކަމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަކާ ގުޅިގެން އީރާނުން ވަނީ މި ސަރަހައްދު ބަންދުކުރަން މަސައްކަތްކޮށްފަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގު ބަންދުވުމުގެ ސަބަބުން ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، އީރާނުން މިހާރު ޑިމާންޑުކުރަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުން އެ ކަނޑުއޮޅިން ފީ ނެގުމުގެ ހައްގު ހޯދުމަށެވެ. ނަމަވެސް އީރާނުގެ މި ޑިމާންޑާ ގުޅިގެން ޗައިނާއިން ސީދާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނަށް ބާރުއެޅުމުގެ ގޮތުން ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާއިން ދަނީ ޗައިނާގެ ކިބައިން އެދެމުންނެވެ. ބެއިޖިންގައި މާދަމާ ބާއްވާ ޓްރަމްޕް އަދި ޝީގެ ބައްދަލުވުމުގައި މި މައްސަލައިގެ އިތުރުން ވިޔަފާރިއާއި، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަދި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.