ޑޮކިއުމަންޓްރީ މައްސަލައިގައި 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލައިފި

ޑޮކިއުމަންޓްރީ މައްސަލައިގައި 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލައިފި

Author
އަހުމަދު
11 މެއި 2026 09:28
0

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން 'އަދަދު' ނޫހުން ތައްޔާރުކޮށް ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުކުރުމުގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދައުވާ ކޯޓަށް ހުށަހަޅާފައިވާއިރު، ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން މި މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކަމަށެވެ. އަދި މި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުމާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ދެއްކުމުގެ އިތުރުން، މައްސަލައިގެ ހަސްމަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ޝަރީއަތާ ގުޅޭ ލިޔެކިޔުންތަކާއި މައުލޫމާތު ފެތުރުން މަނާކޮށްފައިވާއިރު، މި އަމުރާ ހިލާފުވެއްޖެނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށްވެސް އަންގާފައިވެއެވެ.

މި ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ 'އަދަދު' ނޫހުގެ އޮފީސް ބަލައިފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ދައުވާ ލިބޭ ފިޔާޒާއި ހަސަންގެ ޕާސްޕޯޓުވެސް މިހާރު ވަނީ ހިފަހައްޓާފައެވެ. ރައީސް މުއިއްޒު ވަނީ މި ޑޮކިއުމަންޓްރީގައި ހިމަނާފައިވަނީ ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކަތަކެއްކަން ފާހަގަކުރައްވައި، މިކަން ކުރި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.