ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕު ފައިނަލަށް

ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕު ފައިނަލަށް

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 10:37
0

ޕެނަލްޓީ ޖަހައިގެން 3-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ބާސެލޯނާގެ ފްރެންކީ ޑި ޔޮންގް 39 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ސޮސިއެޑާޑަށް އެއްވަރުކޮށްދިނީ 51 ވަނަ މިނެޓުގައި އޮޔަރްޒަބަލް އެވެ. ޕެނަލްޓީގައި ބާސެލޯނާގެ ފަސް ޕެނަލްޓީގެ ތެރެއިން ޑި ޔޮން އާއި އެންޓޮއިން ގްރިޒްމަން އަތުން ނާކާމިޔާބުވިއިރު އޮސްމާނޭ ޑެމްބެލޭ އާއި މިރެލަމް ޕިޔަނިޗް އަދި ރިކަޑް ޕުއިގް ކާމިޔާބުކުރި އެވެ. ސޮސިއެޑާޑުގެ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ބޭކާރުވިއިރު ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ.

ކުރިން ލީގު ޗެމްޕިއަނުންނާއި ސްޕެނިޝް ކަޕް ޗެމްޕިއަނުންގެ މެދުގައި ފައިނަލެއްގެ އުސޫލުން ކުޅެމުން އައި ސުޕަ ކަޕް މިދިޔަ އަހަރުން ފެށިގެން ކުޅެނީ ހަތަރު ޓީމުގެ މެދުގައި ދެ ސެމީ ފައިނަލުގެ އުސޫލުންނެވެ. ސްޕެނިޝް ސުޕަ ކަޕް މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ކުޅުނު ނަމަވެސް އެ ގައުމުގައި ސަޕޯޓަރުން ވައްދައިގެން ކުޅެވޭނެ މާހައުލެއް ނެތުމުންނާއި ދަތުރުފަތުރުކޮށްގެން މި ވަގުތު މެޗުތައް ކުޅެން ކްލަބްތަކުން ނޭދޭތީ މި ފަހަރުގެ ސްޕެނިޝް ސުޕަ ކަޕްގެ މެޗުތައް ކުޅެނީ ސްޕެއިނުގަ އެވެ.

އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނެތި އެ ޓީމު މޮޅުވި އިރު ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރާނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުޅެ މޮޅުވާ ޓީމަކާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.