ޕީއެންސީ ކައުންސިލަރުން ހާޒިރުނުވުމުން މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ހުއްޓުމަކަށް

ޕީއެންސީ ކައުންސިލަރުން ހާޒިރުނުވުމުން މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ހުއްޓުމަކަށް

Author
އަހުމަދު
06 މެއި 2026 02:56
0

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލަރުން ޖަލްސާތަކަށް ހާޒިރުނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެ، ކައުންސިލްގެ ރަސްމީ ޖަލްސާއެއް ނުބޭއްވޭތާ މަސްދުވަސް ގާތްވެއްޖެއެވެ.

އެންމެ ފަހުން ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ހަ ޖަލްސާއެއް ބާއްވަން އެޖެންޑާ ކުރި ނަމަވެސް، 10 މެމްބަރުންގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާތައް ވަނީ ކެންސަލްވެފައެވެ. ހާޒިރީ ރިޕޯޓުތައް ދައްކާގޮތުން ބައެއް ޖަލްސާތަކަށް އެންމެ ތިން ކައުންސިލަރުން ހާޒިރުވިއިރު، އަނެއްބައި ޖަލްސާތަކަށް ހާޒިރުވީ ހަތެއް ނުވަތަ ނުވަ ކައުންސިލަރުންނެވެ. މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވި ޖަލްސާ ކޯރަމް ހަމަވެގެން ފެށި ނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ހުށަހެޅުއްވި، ފްލެޓާއި ގޯއްޗަށް ކުރިމަތިލާ މީހުންނަށް އެހީތެރިވުމުގެ މައްސަލަ ފެށުމާއެކު ޕީއެންސީ ކައުންސިލަރުން ވަނީ ކޯރަމް ގެއްލުވާލާފައެވެ. އެހެންކަމުން އެ ދުވަހުވެސް ކުރެވުނު ހަމައެކަނި މަސައްކަތަކީ އެޖެންޑާ ފާސްކުރުމާއި ހައުސިން މިނިސްޓްރީގެ ހުށަހެޅުމެއް ފާސްކުރުން އެކަންޏެވެ.

މިއަދު ބާއްވަން ތާވަލުކުރި ޖަލްސާވެސް އެންމެ އަށް ކައުންސިލަރުންނާއެކު ކޯރަމް ހަމަނުވެގެން ވަނީ ނިންމާލާފައެވެ. މިއަދުގެ އެޖެންޑާގައި ރައްޔިތުންނާ ގުޅުންހުރި މުހިންމު ގިނަ މައްސަލަތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކަށް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކައުންސިލަށް ވަދެނުކުމެވޭ މަގު ބަންދުވާގޮތަށް ހުންނަ ސައިކަލުތައް ނަގައި އުކާލުން ވަގުތީގޮތުން ހުއްޓާލުމާއި، އާންމު އުނދަގުލާ ބެހޭ ގަވާއިދު އިސްލާހު ކުރުން ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ސިނާއީ ސަރަހައްދު ކައުންސިލާ ހަވާލުކުރުމަށް ގޮވާލުމާއި، ވިލިމާލޭގައި އަޅާ 300 ފްލެޓްގެ މަޝްރޫއާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ މުއްދަތު އިތުރުކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް މަސްވެރިންގެ މައިޒާނުގެ ބައެއް ތަޅާލުން ފަދަ މުހިންމު ކަންކަން އެޖެންޑާކޮށްފައި އޮތެވެ.

މަގު ހެދުމުގެ މަސައްކަތަށް އެމްޑީޕީ ކައުންސިލަރުން ހުރަސް އަޅާކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދާދި ފަހުން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. ރައީސް އެހެން ވިދާޅުވީ ލޯކަލް މާރުކޭޓު ސަރަހައްދުގެ މަގު ފުޅާކޮށް ތާރުއެޅިއިރު އެތަނުގައި ޕޭވްމަންޓް ނެތް މައްސަލައަށް އިޝާރާތް ކުރައްވައެވެ. ނަމަވެސް މަގު ހެދުމާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމަން މިއަދު ކައުންސިލަށް ހުށަހެޅިފައި އޮތްއިރު، ޖަލްސާ ކުރިއަށް ނުގެންދެވިފައި މިވަނީ ޕީއެންސީ ކައުންސިލަރުން ހާޒިރުނުވުމުގެ ސަބަބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.