މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް 160 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޑޮލަރުގެ ވިޔަފާރި މުއާމަލާތްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކާޑުތަކަށް ވިއްކި އަދަދަކީ މަހެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރެވެ. ނިމިދިޔަ 2025 ވަނަ އަހަރު ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ޖުމްލަ 390 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، އެއީ މަހެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ނިސްބަތެކެވެ. އެހެންކަމުން މިއަހަރު ކާޑުތަކަށް ޑޮލަރު ދޫކުރި މިންވަރު ވަނީ ނިސްބަތުން އިތުރުވެފައެވެ.
މީގެ އިތުރުން، މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ރާއްޖެއިން ބޭރުން ކުރާ ކާޑުގެ މުއާމަލާތްތަކަށް 296 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހެއްގެ މައްޗަށް 74 މިލިއަން ޑޮލަރެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ބޭރުން ކުރާ މުއާމަލާތްތަކަށް ޖުމްލަ 566 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ 47 މިލިއަން ޑޮލަރެވެ.
ކޮމެންޓު ފޮނުވާ