ސައުދު ފައުންޑޭޝަންގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް ފެނާއި، ސެނެޓައިޒާގެ އެހީތެރިކަން

ސައުދު ފައުންޑޭޝަންގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް ފެނާއި، ސެނެޓައިޒާގެ އެހީތެރިކަން

Author
މުޙައްމަދު ޝަޒައިމް
14 ޖެނުއަރީ 2021 09:28
0

ސައުދު ފައުންޑޭޝަންގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް ފެނާއި، ސެނެޓައިޒާގެ އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ގއ.ދެއްވަދޫން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހަކު ފެނި އެރަށުގައި ވަނީ ކޯވިޑް ކްލަސްޓަރއެއް އުފެދިފައެވެ. ރަށު ބަންދުގައި ގިނަ ދުވަހު ތިބެންޖެހުމުން ރަށުގައި ބޭނުންކުރާ ފެނާއި، އެނޫންވެސް ޒަރޫރީ ތަކެތި ހުސްވެ ރައްޔިތުންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ރަށުގައި ބަލި ފެތުރިގެންދިޔަ ގޮތެއް މިހާތަނަށްވެސް ހޯދިފައި ނުވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު ދެއްވަދޫގައި ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ދެއްވަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތުގައި އަރަށަކީ އެކަނިވެރި ނުވާނެ ރަށެއްކަން ހުވަދު އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން ދަނީ ސާބިތު ކޮށްދެމުންނެވެ.

ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އުފައްދަވާފައިވާ "ސައުދު ފައުޑޭޝަން"ގެ ފަރާތުން ވަނީ ދެއްވަދޫ ރައްޔިތުންނަށް ފެނާއި ސެނެޓައިޒާގެ އެހީތެރިކަން ފޯރުކޮށް ދެއްވާފައެވެ. އެގޮތުން ދެއްވަދޫ ރައްޔިތުންނަށް 200 ކޭސް ބޯފެން އަދި 200 ސެނެޓައިޒާ އަށް ވަނީ ހަވާލުކޮށްފައެވެ.

ވިލިނގިލި، ކޮލަމާފުށީ ރައްޔިތުންގެ ނަމުގައި ސައުދު ފައުންޑޭޝަންގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް 200 ކޭސް ބޯފެން އަދި 200 ސެނެޓައިޒާ ހަވާލުކޮށްފިން. އަޅުގަނޑުމެން އެދެނީ ދެއްވަދޫ ރައްޔިތުންނަށް އަމާންކަމާއި، ރައްކާތެރިކަން. އަދި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަޚުންނަށް އަވަސް ޝިފާއެއް.

ދެއްވަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކައުންސިލުން ވަނީ ޓާސްކް ފޯހެއް އުފައްދަވާފައެވެ. މި ޓާސްކް ފޯހުންދަނީ ޒަރޫރީ ބޭނުންތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ސިއްޙީ މަރުކަޒުގެ ބައެއް މުވައްޒަފުން ކަރަންޓީނުވުމުގެ ސަބަބުން ޓާސްކް ފޯހުގެ މުވައްޒަފުން ދަނީ ސިއްޙީ މަރުކަޒުގައިވެސް މަސައްކަތް ކުރަމުންނެވެ.

އެރަށުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.