ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ 2018 ވަނަ އަހަރުގެ ޖެންޑާ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުގައި ލ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިމާރާތްކުރުމަށް ބަޔަކާއި ހަވާލުކުރުމަށްފަހު ކޮންޓްރެކްޓު އަގުބޮޑުވެގެން ބާތިލްކުރުމަށްފަހު، އެޔަށްވުރެ ބޮޑު އަގުގައި އެހެން ބަޔަކާއި ހަވާލުކޮށްފައިވާކަން ވަނީ ހާމަކޮށްފައެވެ.
އެކަށީގެންވާ ސަބަބެއް ނެތި ކޮންޓްރެކްޓް ބާތިލްކުރުން:
ޕްރޮކިއުމަންޓެއްގެ އަގު 2,500,000 (ދެ މިލިއަން ފަސް ސަތޭކަ ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، އެކަމެއް ކުރުމަށް ހުއްދަދޭނީ، ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާ އެއްގޮތަށް އެ އޮފީހުގެ އެންމެ އިސްވެރިޔާކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ޖަދުވަލު 1 ގެ 4 ވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމުމާ އެއްގޮތަށް ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް، އޮގަސްޓް 2016 ގައި 7,196,819 (ހަތް މިލިއަން އެއް ސަތޭކަ ނުވަދިހަ ހަ ހާސް އަށް ސަތޭކަ ނަވާރަ) ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލު ކުރުމަށްފަހު، މަސައްކަތުގެ އަގު ބޮޑުކަމަށްބުނެ، މިނިސްޓްރީ އޮފް ފިނޭންސްއިން ކޮންޓްރެކްޓް ބާތިލްކުރަން އެންގުމުން ޖަނަވަރީ 2017 ގައި، އެއްބަސްވުން ބާތިލު ކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ހަމަ އެއަހަރު، އެމަސައްކަތް ޖުމުލަ 10,441,598 (ދިހަ މިލިއަން ހަތަރު ސަތޭކަ ސާޅީސް އެއް ހާސް ފަސް ސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ސިފައިންގެ ވެލްފެއަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކުއްލިގޮތަކަށް ކޮންޓްރެކްޓް ބާތިލްކޮށް، ކުރިން ހަވާލުކޮށްފައިވާ އަގަށްވުރެ 3,244,779 (ތިން މިލިއަން ދުއިސައްތަ ސާޅީސް ހަތަރު ހާސް ހަތް ސަތޭކަ ހަތްދިހަ ނުވައެއް) ރުފިޔާ އަގުބޮޑުކޮށް އެހެން ފަރާތަކާ ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވުން:
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު -/2,500,000 (ދެ މިލިއަން ފަސް ސަތޭކަ ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމަ މަސައްކަތަށް އަގުދެވޭނީ އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށްފަހުގައިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ލ. އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތުގެ ޕްރޮގްރެސް ޕޭމަންޓް 1 އަދި 2 ކަށް ޖުމްލަ 3,445,727 (ތިން މިލިއަން ހަތަރު ސަތޭކަ ސާޅީސް ފަސް ހާސް ހަތް ސަތޭކަ ހަތާވީސް) ރުފިޔާ ދައްކާފައިވާއިރު، މި ދެ ބެލުން އެޑްވާންސް އަދި ރިޓެންޝަން ފައިސާ އުނިކޮށްފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އިޞްލާޙުކުރަން އޮޑިޓާ ޖެނެރަލް ލަފާ ދެއްވި ގޮތް:
– ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮކިއުމަންޓެއްގެ އަގު 5,000,000 (ފަސް މިލިއަން) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައި، އެ ބޯޑުގެ ނިންމުމާ އެއްގޮތަށް ޕްރޮކިއުމަންޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި، އެ ގަވާއިދުގެ 10.01 ގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މަގްސަދުތައް ހާސިލްވާނެ ގޮތަށް ޕްރޮކިމަންޓްގެ ކަންކަން ރާވައި ހިންގުމަށް ވަނީ ދަންނަވާފައެވެ.
– ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮކިއުމަންޓެއްގެ ޖުމުލަ އަގު 500,000 (ފަސް ސަތޭކަ ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑު މަސައްކަތަކުން ނުވަތަ ޙިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހަޅައިފިނަމަ، އެ ބިލެއްގެ ޖުމުލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި، ރިޓެންޝަނަށް ނިސްބަތުންޖެހޭ އަދަދު އުނިކުރުމަށް ފަހު ފައިސާ ދެއްކުމަށް ވަނީ ދަންނަވާފައެވެ.
– އަދި މިކަން ހިނގާފައިވާ ގޮތަށްބަލާއިރު، މިއީ އެނގިހުރެ ދައުލަތަށް ގެންލުންވާގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، މިކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.04 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީ" އަށް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ