މޭ ޑޭ މުޒާހަރާގައި މަސައްކަތްތެރިންގެ ގިނަ ކަންބޮޑުވުންތަކެއް ސަރުކާރަށް ހުށަހަޅައިފި

މޭ ޑޭ މުޒާހަރާގައި މަސައްކަތްތެރިންގެ ގިނަ ކަންބޮޑުވުންތަކެއް ސަރުކާރަށް ހުށަހަޅައިފި

Author
އަހުމަދު
01 މެއި 2026 08:09
0

މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޔޫނިއަންތައް ގުޅިގެން މާލޭގައި ބޭއްވި "މޭ ޑޭ" މުޒާހަރާގައި، މަސައްކަތުގެ މާހައުލުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އާއި އެހެނިހެން ޖަމިއްޔާތައް ގުޅިގެން ހަވީރު ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ބައިވެރިން ވަނީ ސަރުކާރަށް ގިނަ ޑިމާންޑްތަކެއް ކޮށްފައެވެ. ބެނާތަކާއި ބޯޑުތަކާއެކު ނުކުތް މަސައްކަތްތެރިން އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލައަކީ މަސައްކަތުގެ މާހައުލުގައި ސަލާމަތްތެރިކަން ކަށަވަރުވެފައި ނެތުމެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް އައުޓްސޯސް ކުރުމުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އުޖޫރަ ކުޑަވާ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.

މި މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޓީޔޫސީގެ ރައީސް އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަސައްކަތްތެރިންގެ އުދާސްތަކާއި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން ކަމަށެވެ. އެގޮތުން، ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ޑޮލަރުން ދިނުމަށާއި، ފިރިހެން މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމުގެ މިނިވަންކަން ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އިތުރުން، މި މުޒާހަރާގައި ބައިވެރިވި މަސްވެރިންވެސް ވަނީ އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މައުރޫފް ވިދާޅުވި ގޮތުގައި މަސްވެރިންގެ އެންމެ ބޮޑު އެދުމަކީ ދައުލަތުން މަސް ގަންނަ އަގު ބޮޑުކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.