ތ. ކިނބިދޫގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 20:40 ހާއިރުއެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ތޫނު އެއްޗަކުން ދިން މި ހަމަލާގައި އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ. ޒަހަމްވި މީހާއަށް ފުރަތަމަ ކިނބިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ