ރައީސްއަށް ތުހުމަތުކުރި މައްސަލައިގައި 'އަދަދު’ގެ އެޑިޓަރަށް ޖިނާއީ 5 ކުށެއްގެ ތުހުމަތުކޮށްފި

ރައީސްއަށް ތުހުމަތުކުރި މައްސަލައިގައި 'އަދަދު’ގެ އެޑިޓަރަށް ޖިނާއީ 5 ކުށެއްގެ ތުހުމަތުކޮށްފި

Author
އަހުމަދު
29 އޭޕްރިލް 2026 01:15
1

ރައީސް މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފުލުހުން ޖިނާއީ ފަސް ކުށެއްގެ ތުހުމަތު މިއަދު ކޮށްފި އެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހަސަން މިއަދު ހާޒިރުކުރުމަށްފަހު ވަނީ ސުވާލުކޮށްފަ އެވެ. އޭނާގެ ގާނޫނީ ވަކީލު ސައްޔާހު ހަލީލް ވިދާޅުވި ގޮތުގައި، ހަސަންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އެ ޑޮކިއުމެންޓްރީ ޝާއިއުކުރުމުގައި ބައިވެރިވި ކަމަށެވެ. ނަމަވެސް، ހަސަން ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވައި، ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފަ އެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ކުރާ ކަމެއްކަމަށާއި، މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއްކަން ވަކީލު ފާހަގަކުރެއްވި އެވެ.

ފުލުހުން ހަސަންއަށް ދިން ގާނޫނީ އިންޒާރުގައި ހިމެނޭ ފަސް ތުހުމަތަކީ، އެހެން މީހަކު ކުރާ އަމަލަކަށް ޒިންމާދާރުކުރުވުން ނުވަތަ ބައިވެރިވުމުގެ ޒިންމާއާއި، ކުށެއް ކުރުމަށް އެދުމާއި، ކުށެއް ކުރުމަށް ރޭވުމުގެ އިތުރުން ގަޒުފްކުރުމުގެ ކުށުގެ ތުހުމަތެވެ.

މި މައްސަލައިގެ ތަހުގީގަށް 'އަދަދު’ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވެސް މިއަދު ފުލުހަށް ހާޒިރުކުރުމަށް ވަނީ އަންގާފަ އެވެ. އަދި ފިލާފާނެކަމުގެ އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ހަސަން އާއި ފިޔާޒުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓާފަ އެވެ. މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ނޫސްވެރިންގެ ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ގިނަ އާލާތްތަކެއް ތަހުގީގަށް ގެންގޮސްފަ އެވެ. މިކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

'އައިޝާ’ގެ ނަމުގައި އަދަދު ނޫހުން މި ޑޮކިއުމެންޓްރީ އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ކާކުކަން ނޭނގޭ ގޮތަށް އަންހެނަކު މެދުވެރިކޮށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް އޭގައި ދައްކާފައިވާއިރު، ރައީސް ވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކުރި ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެމަނިކުފާނު ކަމާބެހޭ ފަރާތްތަކަށް ގޮވާލެއްވުމާއެކު، ފުލުހުން ވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.