ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަޤާމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. އެއީ ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިޤު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދެވެ.
މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން މި ތިން ބޭފުޅުންވެސް މިހާރު ވަނީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ނުކުންނަވަން ފައްޓަވާފައެވެ. މީގެ ތެރެއިން އާދަމް ޝަރީފާއި ތޯރިޤަކީ މި މަހުގެ މެދުތެރޭގައި ކެބިނެޓުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އިސްތިއުފާ ދެއްވުމާ ހަމައަށް ރައީސް ޑރ. މުޢިއްޒުގެ ކެބިނެޓުގައި އާދަމް ޝަރީފް ފުރުއްވީ ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުގެ މަޤާމެވެ. އަދި ތޯރިޤު ފުރުއްވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމެވެ.
މި ދެ ބޭފުޅުންނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައިވެސް ވަޒީރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. އެގޮތުން އެ ސަރުކާރުގައި އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަން ކުރެއްވިއިރު، ތޯރިޤު ވަނީ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން، އެމްބެސެޑާ އެޓް ލާޖުގެ މަޤާމަށް ދެން އައްޔަންކުރެއްވި ދިޔާނާ ސަޢީދަކީ ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ