މާޗް މަހުގެ ކަރަންޓު ބިލުތައް ބޮޑުވެގެން އުޅޭ މައްސަލައިގައި ބިލްތައް ޗެކްކޮށްދޭން ފެނަކައިން ނިންމައިފި

މާޗް މަހުގެ ކަރަންޓު ބިލުތައް ބޮޑުވެގެން އުޅޭ މައްސަލައިގައި ބިލްތައް ޗެކްކޮށްދޭން ފެނަކައިން ނިންމައިފި

Author
އަހުމަދު
26 އޭޕްރިލް 2026 11:10
0

މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އާންމުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން، މައްސަލަ އުޅޭކަމަށް ޝައްކުކުރެވޭ ބިލްތައް ޗެކްކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާޗް މަހުގެ ރީޑިން ނެގުމާއި ބިލުތައް ތައްޔާރުކޮށްފައިވަނީ އާންމުކޮށްވެސް އަމަލުކުރާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެއްވެސް ބިލަކަށް ބަދަލު ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން ދެމުން، ރީޑިންއާމެދު ޝައްކު އުފެދޭނަމަ އެކަން އިތުރަށް ބަލައިދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރުކާރުން ރޯދަމަހު ދިން ހާއްސަ ޑިސްކައުންޓާއެކު ގިނަ ގޭބިސީތަކަށް 400 ރުފިޔާގެ ބިލެއް އައި ނަމަވެސް، މިމަހު ބިލުތައް ވަނީ އެހެން މަސްތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑުވެފައެވެ. ސޯޝަލް މީޑިއާގައި އާންމުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބަލާއިރު، އާންމުކޮށް 500 ރުފިޔާއިން ދަށުގައި ހުންނަ ގޭގޭގެ ބިލްތައް 3،000 ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ރަށްރަށުގައި 1،000 ނުވަތަ 2،000 ރުފިޔާ އަރާ ބިލްތަކަށް މިފަހަރު 6،000 ރުފިޔާ އަރާފައިވާކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން ފެނަކައިން ވަނީ، ކޮންމެ އަހަރެއްގެވެސް މާޗް، އޭޕްރީލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވާނެކަން ފާހަގަކޮށްފައެވެ. މި ދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން 35 އިން ފެށިގެން 37.3 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.