ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ބަޑިޖެހުމާއެކު ޓްރަމްޕް ރައްކާތެރި ހިސާބަކަށް ގެންގޮސްފި

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގައި ބަޑިޖެހުމާއެކު ޓްރަމްޕް ރައްކާތެރި ހިސާބަކަށް ގެންގޮސްފި

Author
އަހުމަދު
26 އޭޕްރިލް 2026 08:11
0

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ކުރިއަށްދިޔަ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނަރގެ ތެރެއިން ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް އެ ސަރަހައްދުން ސަލާމަތްކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވޮޝިންގޓަން ހިލްޓަން ހޮޓަލުގައި މި އަހަރީ މީޑިއާ ހަފުލާ ފެށުމަށް ތައްޔާރުވެ، ރައީސް ޓްރަމްޕާއި ފަސްޓް ލޭޑީ މޭޒުކޮޅުގައި އިންނަވަނިކޮށް ބަޑީގެ އަޑުފަށްގަނޑު އިވުމާއެކު، ސީކްރެޓް ސަރވިސްގެ އެޖެންޓުން ވަނީ ވަގުތުން އެބޭފުޅުން އެތަނުން ނެރެފައެވެ. މި ހާދިސާ ހިނގުމާއެކު ހަފުލާގެ ބައިވެރިން ބިރުން ގޮވަމުން މޭޒުތަކުގެ ދަށަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ. އަދި ޓްރަމްޕް އެ ސަރަހައްދުން ގެންދިއުމާއެކު ހަތިޔާރު އެޅި އެޖެންޓުން ވަނީ އެ ސަރަހައްދު ކޮންޓްރޯލްކޮށްފައެވެ.

މިކަމާ ގުޅިގެން ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' އެކައުންޓުގައި އޭނާ ވިދާޅުވީ، އޭނާގެ އިތުރުން ފަސްޓް ލޭޑީއާއި، ނައިބު ރައީސާއި ކެބިނެޓްގެ ހުރިހާ މެންބަރުން ތިއްބެވީ ސަލާމަތުން ކަމަށެވެ. ސީކްރެޓް ސަރވިސްއާއި ފުލުހުންގެ ހުށިޔާރުކަމާއި ހިތްވަރަށް ތައުރީފުކުރައްވައި، ބަޑިޖެހި މީހާ މިހާރު ހައްޔަރުކޮށްފައިވާކަން ޓްރަމްޕް ހާމަކުރެއްވިއެވެ. މީގެ އިތުރުން، ހަފުލާ އިންތިޒާމުކުރި ފަރާތްތަކާ ވާހަކަދެކެވި، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މި ހަފުލާ އަލުން ބާއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު އެތާނގައި ހަރަކާތްތެރިވި އަލްޖަޒީރާގެ ޕްރޮޑިއުސަރ ކްރިސް ޝެރިޑަން ކިޔައިދިން ގޮތުގައި، ގާތްގަނޑަކަށް ފަސް ވަރަކަށް ބަޑީގެ އަޑު އިވުނު ކަމަށާއި ބަޑިބޭހުގެ ވަސް ވެސް ދުވި ކަމަށެވެ. އަދި އެ އަޑު އިވުނީ ހޯލަށް ވަންނަ ދޮރުމައްޗާ ދިމާލުން ކަމަށްވުމާއެކު، ހާޒިރުވެ ތިބި އެންމެން ވަގުތުން ބިމަށް ތިރިވިކަމަށް އޭނާ ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.