މޭޔަރު އާޒިމަށް ހަމަލާދޭން އުޅުނު މައްސަލަ ރައީސް ކުށްވެރިކުރައްވައިފި

މޭޔަރު އާޒިމަށް ހަމަލާދޭން އުޅުނު މައްސަލަ ރައީސް ކުށްވެރިކުރައްވައިފި

Author
އަހުމަދު
25 އޭޕްރިލް 2026 07:55
0

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން މަސައްކަތްކުރި ހާދިސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރަށް ހަމަލާދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ރައީސަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މިއީ ސަރުކާރުން ކުރުވި ކަމެއް ކަމަށް މޭޔަރު ތުހުމަތު ކުރެއްވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އެއީ އެއްވެސް ހެއްކެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި، އެފަދަ ތުހުމަތުތައް ކުރުމަކީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ހާދިސާ އެމްޑީޕީން ވިޔަސް އަދި ސިޓީ ކައުންސިލުންވެސް ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވި ނަމަވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ފުލުހުން އަމިއްލައަށް އިސްނަގައިގެން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ތަރުޖަމާނު އިތުރަށް ވިދާޅުވީ، މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުން ސެކިއުރިޓީ ހަމަޖައްސައިދޭން ޖެހޭ ބޭފުޅެއް ކަމަށާއި، ތްރެޓް އެސެސްމަންޓް ހެދުމަށްފަހު ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ ފުލުހުން އިސްވެ ސެކިއުރިޓީ ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.