މިދިޔަ މަހުގެ 23 ވަނަ ދުވަހު ގއ.ދެއްވަދޫން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހަކު ފެނި އެރަށުގައި ވަނީ ކޯވިޑް ކްލަސްޓަރއެއް އުފެދިފައެވެ. ރަށް މޮނިޓަރިންއަށް ލާފައިވުމުން ރަށަށް އަރާފައިބައި ހެދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު، ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމާއި، ބިރުވެރިކަންވެސް ދިޔައީ އިތުރުވަމުންނެވެ.
ރަށު ބަންދުގައި ގިނަ ދުވަހު ތިބެންޖެހުމުން ރަށުގައި ބޭނުންކުރާ ފެނާއި، އެނޫންވެސް ޒަރޫރީ ތަކެތި ހުސްވެ ރައްޔިތުންގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ރަށުގައި ބަލި ފެތުރިގެންދިޔަ ގޮތެއް މިހާތަނަށްވެސް ހޯދިފައި ނުވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު ދެއްވަދޫގައި ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. ދެއްވަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތުގައި އަރަށަކީ އެކަނިވެރި ނުވާނެ ރަށެއްކަން ހުވަދު އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން ދަނީ ސާބިތު ކޮށްދެމުންނެވެ.
ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ޞިއްޚީ ޚިދުމަތްތެރިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، މަސްވެރިންނާއި، ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންގެ ދީލަތި އެހީތެރިކަން ދަނީ ދެއްވަދުއަށް ވަމުންނެވެ. ދެއްވަދޫގެ ރައްޔިތުންނަކީ ހުވަދު އަތޮޅުގެ އެހެން ރަށްތަކުގެ އަޚުންކަމުގައި ދެކި ދީލަތި އަތްތަކުންދަނީ ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ހުވަދުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަކީ ކަނޑު އުޅަދެއްގައިވެސް ދިގު ދަތުރެއް ކޮށްގެންނޫނީ ނުދެވޭ ވަރަށް ދުރުގައިވާ ރަށްތަކަކަށް ވީނަމަވެސް އަމިއްލަ ޖީބުން ޚަރަދުކޮށްގެންވެސް ދެއްވަދޫ ރައްޔިތުންނަށް އެހީތެރިވުމަށް ހުވަދު އަތޮޅުގެ އެހެން ރައްތަކުގެ ރައްޔިތުން ދަނީ މުޅި ރާއްޖެއަށް ނަމޫނާ ދައްކަމުންނެވެ.
މިއީ ޒަމާނުއްސުރެ ހުވަދު އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުން ރަމްޒުކޮށްދޭ ވަރަށް ފުރިހަމަ މިސާލެކެވެ. އެއްބައިވަންތަ ކަމުގެ ފުރިހަމަ މިސާލު މުޅި ރާއްޖެއަށް ހުވަދު އަތޮޅުގެ ރައްޔިތުން ދަނީ ދައްކަމުންނެވެ. މުޅި އަތޮޅާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހެޔޮ ދުޢާ އޮތީ ދެއްވަދޫ ރައްޔިތުންނާއި އެކުގައިކަން ދަނީ ހާމަކޮށްދެމުންނެވެ.
ހުވަދު އަތޮޅުގެ ރައްޔިތުންގެ ފަރާތުން ދެއްވަދުއަށް ލިބެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެދާއިރާގެ މެމްބަރު އަހުމަދު ސައީދުވެސް ވެސް ހުވަދު އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.
Huvadhu atoll ge varah gina faraithakuge eheetherikan Dhevvadhoo ah dhanee libemun mi hurihaa faraithakah varah ikhulaastheri kamaa eku shukuru dhannavan #StayHome #StaySafe
— Saeed (@hamittey620) January 13, 2021
ދެއްވަދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކައުންސިލުން ވަނީ ޓާސްކް ފޯހެއް އުފައްދަވާފައެވެ. މި ޓާސްކް ފޯހުންދަނީ ޒަރޫރީ ބޭނުންތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ސިއްޙީ މަރުކަޒުގެ ބައެއް މުވައްޒަފުން ކަރަންޓީނުވުމުގެ ސަބަބުން ޓާސްކް ފޯހުގެ މުވައްޒަފުން ދަނީ ސިއްޙީ މަރުކަޒުގައިވެސް މަސައްކަތް ކުރަމުންނެވެ.
އެރަށުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ދެއްވަދޫއަށް ދިމާވެފައިވާ ކޯވިޑްގެ ނުރައްކާތެރިކަމުން އަރައިގަނެވި ރަށް އަލުން އާންމު ހާލަތަށް ބަދަލުވެގެން ދިއުމަކީ ދެއްވަދުއާއި މުޅި ހުވަދު އަތޮޅުގެ ރައްޔިތުންގެވެސް އުންމީދެވެ.
One Response
މާތްﷲ ދެއްވަދޫ އާއި ރާއްޖޭގެ އެއްމެހާ އަޚުންނާއި އުޚުތުން މިނުރައްކާތެރި ވަބާއިން މިންޖުކުރައްވާ ރައްކާތެރިކަން މިންވަރުކުރައްވާށި ފަންޑު ފޮއްޓެއްގެ ބަދަލުގައި ބޭންކް އެކައުންޓެއް ހެދިނަމަ ރާއްޖޭގެ އެހެންސަރަހައްދު ތަކުގެމީހުންވެސް އެހީތެރިވާނެކަމީ ޝައްކެއްހުރިކަމެއްނޫން
ދެއްވަދޫގެ ޙާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީވާފަރަތްތަކަށް މާﷲ ސަވާބާއި ދަރުމަ މިންވަރުކުރައްވާށި އާމީން