ފްރީޒަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތެލަސީމިއާ ބަލީގެ ތިން ކުއްޖަކަށް ކުނިވެފައިވާ ލޭ އެޅި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފިއެވެ.
އެމްބީއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެ މަރުކަޒުގެ ދޭއް ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެރޭގެ 22:11 ހާއިރު ފިނިހޫނުމިން މޮނިޓަރކުރާ އެލާޓް ސިސްޓަމުން މައްސަލަ ފާހަގަވުމާއެކު މުވައްޒަފުން ވަގުތުން ހާޒިރުވެ، އެ ފްރީޒަރުގައި ހުރި 12 ޕެކެޓް ލޭ ވަނީ އެހެން ފްރީޒަރަކަށް ބަދަލުކޮށްފައެވެ. އާންމުކޮށް 2 އާއި 6 ޑިގްރީ ސެލްސިއަސްއާ ދެމެދު ބަހައްޓަންޖެހޭ ފިނިހޫނުމިން އެވަގުތު 11 ޑިގްރީއަށް އެރި ނަމަވެސް، ޞިއްޙީ މިންގަނޑުތަކަށް ބަލާއިރު އެއީ ކުނިވެފައިވާ ނުވަތަ ތަޤައްޔަރުވެފައިވާ ލޭ ނޫންކަން އެމްބީއެސްއިން ވަރަށް ޔަޤީންކަމާއެކު ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދަނިކޮށް، ޖެހިގެން އައި ދުވަހުގެ ހެނދުނު ތިން ކުއްޖަކަށް މި ޕެކެޓްތަކުން ލޭ އެޅިފައިވާކަން ފާހަގަވީ އެކުދިންނަށް ލޭ އަޅައި ނިމުނު ފަހުންނެވެ. އެކަން އެންގުން ލަސްވިކަން ޤަބޫލުކޮށް އެމްބީއެސްއިން ބުނީ، ބާކީ ހުރި 9 ޕެކެޓް ނޭޅުމަށް ނިންމައި އެ ޕެކެޓްތަކުގެ ވެރިފަރާތްތަކަށް ބަދަލުގައި އެހެން ޕެކެޓްތަކެއް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ޚާއްޞަ ޓީމެއް އެކުލަވާލައި މިހާރު މި މައްސަލަ ތަޙުޤީޤުކުރަމުން އަންނައިރު، މަޢުލޫމާތު ދިނުމުގައި އިޙުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތައް އެމްބީއެސްއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ