ދައުލަތުގެ އާމްދަނީ 13 ބިލިއަނަށްވުރެ މައްޗަށް، ބަޖެޓު 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި

ދައުލަތުގެ އާމްދަނީ 13 ބިލިއަނަށްވުރެ މައްޗަށް، ބަޖެޓު 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި

Author
ޙަސަން މުޙައްމަދު
24 އޭޕްރިލް 2026 11:58
0

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ނެރުނު މިއަހަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓުން ދައްކާގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ، ބަޖެޓު ވަނީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 13.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 10.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީ.ޖީ.އެސް.ޓީގެ 4.3 ބިލިއަން ރުފިޔާއާއި، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 768 މިލިއަން ރުފިޔާގެ އިތުރުން ޑިޕާޗާ ޓެކުހުގެ 649.5 މިލިއަން ރުފިޔާ ހިމެނެއެވެ. ފަތުރުވެރިކަމާ ގުޅުންހުރި މި ހުރިހާ ދާއިރާއަކުންވެސް ވަނީ މިދިޔަ އަހަރަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައްވެސް ވަނީ 16.9 އިންސައްތަ އިތުރުވެ، ޖުމްލަ 12.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރާ ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ އަދި ތަރައްގީގެ މަޝްރޫއުތަކަށާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 4 ބިލިއަން ރުފިޔާ ހޭދަވިއިރު، އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރި ހޭދައެވެ. އެއީ 36.2 އިންސައްތައިގެ އިތުރުވުމަކާއެކު ޖުމްލަ 1.4 ބިލިއަން ރުފިޔާއެވެ.

މިފަހަރުގެ ރިޕޯޓުގައި މާލީ ހިސާބުތައް ހުށަހަޅައިދީފައިވާ ގޮތަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެއްގޮތަށް ވުޒާރާތަކުގެ ތަރުތީބު ބަދަލުކުރުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އަށް ދޫކުރާ ފައިސާ ބްލޮކް ގްރާންޓް އުސޫލަށް ބަދަލުވުމާ ގުޅިގެން އެ އިދާރާގެ ހަރަދުތައް ބަޖެޓު ތާވަލުތަކުން އުނިކުރުން ހިމެނެއެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިއީ ދައުލަތުގެ މާލީ ހާލަތު ރައްޔިތުންނަށް އިތުރަށް ސާފުކޮށްދިނުމުގެ މަގުސަދުގައި ގެނެވުނު ބަދަލުތަކެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.