ފްރިޖަށް ދިމާވި މައްސަލައަކާ ގުޅިގެން ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް ހަލާކުވެފައިވާ ލޭ އެޅުނު މައްސަލައެއް!

ފްރިޖަށް ދިމާވި މައްސަލައަކާ ގުޅިގެން ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް ހަލާކުވެފައިވާ ލޭ އެޅުނު މައްސަލައެއް!

Author
ހުސައިން
24 އޭޕްރިލް 2026 07:47
0

މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް) ގައި ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ހަލާކުވެފައިވާ ލޭ ޕެކެޓުތަކެއް ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތެލެސީމިއާ ސެންޓަރުގެ ފްރިޖަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެރޭ ފްރިޖު ހަލާކުވި ނަމަވެސް، ޖެހިގެން އައި ދުވަހުގެ ހެނދުނު ލޭ އަޅަން ދިޔަ ތިން މީހެއްގެ ގަޔަށް ވަނީ އެ ފްރިޖުން ނެގި ލޭ އަޅާފައެވެ. މިގޮތަށް ކަންތައް ދިމާވީ އެ ވަގުތު ޑިއުޓީގައި ތިބި ޑޮކްޓަރުންނާއި ބައެއް ނަރުހުންނަށް ފްރިޖު ހަލާކުވިކަމުގެ މައުލޫމާތު ލިބިފައި ނެތުމުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ލޭ އެޅި މީހުންނަށް އެކަން އަންގާފައިވަނީ މާ ފަހުން ކަމަށްވާތީ، އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްބީއެސްގެ ޑިރެކްޓަރ ޖެނެރަލް އަޙްމީމް ފާރިޝް ވިދާޅުވީ، ފްރިޖަށް މައްސަލަ ދިމާވުމާއެކު އެރޭ ވަގުތުން އެހެން ރައްކާތެރި ފްރިޖަކަށް ލޭތައް ބަދަލުކޮށް އާ ލޭ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި އުނިކަމެއްގެ ސަބަބުން ޖެހިގެން އައި ދުވަހު ތިން މީހެއްގެ ގަޔަށް އެ ލޭ އެޅުނީކަމަށާއި، އޭގެ ތެރެއިން އެކެއްގެ އާއިލާއަށް އެކަން އެންގުން ލަސްވިކަމަށް އޭނާ ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ހާދިސާއާ ގުޅިގެން އާއިލާތަކުގެ ކިބައިން މައާފަށް އެދި، ވަކިން ބައްދަލުވުންތައް ބާއްވައި ތަފްސީލު ދިނުމަށް މުއައްސަސާއިން އިސްކަންދެއްވާނެ ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެގޮތް ހެދުމަށްޓަކައި، އޯޑަރުކޮށްފައިވާ އާ ފްރީޒަރުތައް ގެނައުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި، ކުޑަ ކަމެއް ދިމާވި ނަމަވެސް ޑޯނަރުންނާއި އާއިލާތަކަށް ވަގުތުން އެކަން އަންގާނެކަން ކަށަވަރުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.