ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ހިންގުމަށް ޚާއްޞަ އައު އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިޢުލާންކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ފާއިތުވި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ވުޒާރާ ހިންގަމުންދިޔަ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، މިހާރު އެތަނުގެ މަސައްކަތްތައް ވަގުތީގޮތުން ކުރިއަށްގެންދަނީ ދަރުބާރުގޭގައެވެ. އެ ހާދިސާގައި ދައުލަތުގެ ތިން ވުޒާރާއެއްގެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ ބަޔަކަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، އައު އިމާރާތް އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ 30،000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާދެއްވާފައި ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕަބްލިކް ވޯކްސްގެ މަސައްކަތްތަކާއެކު އެ ވުޒާރާގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާތީ، ޖާގަ ތަނަވަސް ހެޑްކުއާޓަރެއް ތަރައްޤީކުރުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތައް ހިންގާނެ އެކަށީގެންވާ ޖާގަ ނެތުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކުރިން ބޭނުންކުރި ހުރަވީ ބިލްޑިންގއާއި ޣާޒީ ބިލްޑިންގ ބާވެގެން ތަޅާލަން ޖެހުމުން، ގިނަ އޮފީސްތަކެއް ބޮޑު ކުލީގައި އެހެން އިމާރާތްތަކަށް ވަނީ ބަދަލުކުރަން ޖެހިފައެވެ. މި މައްސަލަ ހައްލުކުރުމަށް މާލޭގައި އިތުރު އޮފީސް އިމާރާތެއް އެޅުމަށާއި، ބިއްލޫރިޖެހިގެ މަރާމާތުކޮށްގެން ބޭނުންކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދަރުބާރުގެ އަލުން ތަރައްޤީކުރުމުގެ ޕްލޭނެއްވެސް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައިވެސް 14 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ފައިސާގެ ކަންކަން އަދި ޔަޤީންކުރެވިފައި ނުވާތީ އެ މަސައްކަތް އޮތީ ބަޔަކާ ހަވާލުނުކުރެވި މަޑުޖެހިފައެވެ. ކުއްޔަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މިހާރުވެސް ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އަންނަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއްގައެވެ.
ކޮމެންޓު ފޮނުވާ