ބައިނަލްއަގުވާމީ ގޮތުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރި ނަމަވެސް، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓޭންޑް ބަދަލުނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މިއީ ރާއްޖޭގެ ގާނޫނުތަކުން ލާޒިމްކުރާ ކަމަކަށްވުމާއެކު، ޝަރުއީ ކޯޓުތަކުގެ އަމުރުތައް ތަންފީޒުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވަމުން އައިސްފައިވާނެކަން އިހުސާން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ އިއުލާނުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެފަހަރު އެކަމަށް ހާއްސަ އުސޫލުތަކެއް ހަދައި ވަސީލަތްތައް ގާއިމުކުރި ނަމަވެސް، ދައުރު ނިމުނުއިރު އެއްވެސް ހުކުމެއް ތަންފީޒުކޮށްފައެއް ނުވެއެވެ. އޭގެ ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ އެކަން ތަންފީޒުކުރުން މަޑުޖައްސާލުމެވެ.
ނަމަވެސް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރާނެކަން އިއުލާނުކުރައްވާފައެވެ. އަދި މިހާރު ސަރުކާރުން އަންނަނީ ކުރިން އޮތް އުސޫލަށް އަމަލުކުރުމުގެ ބަދަލުގައި، މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ހާއްސަ ގާނޫނެއް އަލަށް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ