ދައުލަތުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި އާމްދަނީ އާއި ފައިދާ އިތުރުވި މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެވެ. މީގެ ސަބަބުން ބަންކަރިންގެ ހިދުމަތްވެސް ހިމެނޭހެން އެ ކުންފުނިން ވިއްކި ތެލުގެ މިންވަރު 27 އިންސައްތަ ވަނީ އިތުރުވެފައެވެ. އޭގެ އިތުރުން ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ހާލަތުވެސް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
ކުންފުނި ހިންގުމުގެ ހަރަދުތައް ނިސްބަތުން އިތުރުވި ނަމަވެސް، ފައިނޭންސް ކުރުމުގެ ހަރަދުތައް ކުޑަކުރެވިފައިވުމުން ހިންގުމުގެ ފައިދާ ވަނީ 14 އިންސައްތަ އިތުރުވެ، 368 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކާމިޔާބީއާ ގުޅިގެން އެސްޓީއޯއިން ވަނީ ކުންފުނީގެ ވިޔަފާރީގެ ހުރިހާ ބައިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ