ސަރުކާރުން ސަބްސިޑައިޒްކޮށްގެން ހެޔޮ އަގުގައި ވިއްކާ ތެޔޮ، މިހާތަނަށް މަސްވެރިކަންކުރާ އުޅަނދުފަހަރަށް 1.1 މިލިއަން ލީޓަރަށްވުރެ ގިނައިން ދޫކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މި ދަތި ދަނޑިވަޅުގައިވެސް މަސްވެރިންނަށް ލުއިގޮތްތަކެއް ހޯދައިދީ، މަސްކަނޑުތަކަށް ނެރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ހުސްވި މާރިޗު މަހުން ފެށިގެން ކަޅުބިލަމަހާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދެމުން އަންނައިރު، މިހާތަނަށް 958 ފަހަރެއްގެ މަތިން އުޅަނދުތަކަށް މި ޚިދުމަތް ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ބޭނުންވާ ތެލުގެ ބޮޑުބައެއް އެސްޓީއޯއިން އެތެރެކުރާއިރު، ތެޔޮ ދޫކުރުމުގައި ވަކި ލިމިޓްތަކެއް ކަނޑައަޅާފައިވަނީ މަސްވެރިންނާ މަޝްވަރާކުރުމަށްފަހު، އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭނުންވާނެ މިންވަރަށް ބަލައިގެންނެވެ. މިގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް މަހަކު 1500 ލީޓަރު، 50 ފޫޓާއި 80 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 1000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 600 ލީޓަރުގެ ތެޔޮ ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިހާރު މި ޚިދުމަތް މާލެ ސަރަހައްދާއި ފެލިވަރުން ލިބެން ހުރި ނަމަވެސް، މުޅި ރާއްޖެއަށް މިކަން ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެސްޓީއޯއާ ގުޅިގެން ކުރިއަށް އޮތް ތާނގައި ހއ، ހދ، އަދި ށ އަތޮޅުގައި ހުރި އެސްޓީއޯގެ ވަސީލަތްތައް މެދުވެރިކޮށްވެސް ސަބްސިޑީ ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ