މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރިއިރު، އިންތިޚާބުވި 1،351 މެންބަރުންގެ ތެރެއިން 584 ގޮނޑި ކާމިޔާބުކޮށް އިންތިޚާބުގެ އަޣުލަބިއްޔަތު ޕީއެންސީން ހޯދައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ނަތީޖާތައް ދައްކާގޮތުން، ޕީއެންސީއާ އެންމެ ގާތުން ވާދަކޮށް ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ މުޅި އިންތިޚާބުން 563 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރެއްވި 169 ބޭފުޅަކު ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.
ޕާޓީތަކަށް ލިބުނު ގޮނޑިތަކުގެ ތަފްސީލަށް ބަލާއިރު، ޕީއެންސީން ވަނީ ރަށު ކައުންސިލްތަކުގެ ރައީސްކަމުގެ 75 ގޮނޑިއާއި، އަންހެނުންނަށް ޚާއްސަ 101 ގޮނޑީގެ އިތުރުން ރަށު ކައުންސިލް މެންބަރުކަމުގެ 99 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ސިޓީ ކައުންސިލްތަކުން 5 ގޮނޑިއާއި، އ.ތ.މ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއްވެސް އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން އެމްޑީޕީން ވަނީ މޭޔަރުކަމުގެ 5 ގޮނޑިއާއި، ސިޓީ ކައުންސިލްތަކުގެ 41 ގޮނޑި އަދި ރަށު ކައުންސިލްތަކުގެ ރައީސްކަމުގެ 73 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ރަށު ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
ބޮޑު ދެ ޕާޓީގެ އިތުރުން އެހެނިހެން ސިޔާސީ ޕާޓީތަކުންވެސް ވަނީ މި އިންތިޚާބުގައި ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. އެގޮތުން އެމްޑީއޭއިން 23 ގޮނޑި ކާމިޔާބުކުރިއިރު، އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި ދަ ޑިމޮކްރެޓްސް އިން ވަނީ 2 ގޮނޑި ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ