ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: ޕީއެންސީއަށް ތިން ގޮނޑި، އެމްޑީޕީއަށް އެއް ގޮނޑި

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު: ޕީއެންސީއަށް ތިން ގޮނޑި، އެމްޑީޕީއަށް އެއް ގޮނޑި

Author
ޙަސަން މުޙައްމަދު
18 އޭޕްރިލް 2026 11:32
0

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު އެއްވަރުވެގެން ފަސް ރަށެއްގައި މިއަދު ބޭއްވި ދެވަނަ ބުރުގެ ނަތީޖާ ދައްކާގޮތުން، ޕީއެންސީން ތިން ގޮނޑި ކާމިޔާބުކޮށްފިއެވެ. އަދި އެމްޑީޕީއަށް އެއް ގޮނޑި ލިބުނުއިރު، އަމިއްލަ ކެންޑިޑޭޓަކުވެސް ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވުމުގެ ސަބަބުން މިއަދު އަލުން ވޯޓުލުން ކުރިއަށްގެންދިޔައީ ބ. ދޮންފަނާއި، ފުވައްމުލަކު ދަޑިމަގު ދާއިރާގެ އިތުރުން ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާއަށް ބަލާއިރު، ފުވައްމުލަކު ކައުންސިލްގެ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ގޮނޑި 595 ވޯޓާއެކު ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ. އޭނާއާ ވާދަކުރި ޕީއެންސީގެ އައިޝަތު އަބްދުލްޤާދިރަށް ލިބުނީ 562 ވޯޓެވެ. ބ. ދޮންފަނު ކައުންސިލްގެ ގޮނޑި 203 ވޯޓުން އެމްޑީޕީގެ އާމިނަތު ރަފާހު ކާމިޔާބުކުރިއިރު، ޕީއެންސީގެ އައިޝަތު މުނާއަށް ލިބުނީ 166 ވޯޓެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ހއ. ކެލާ އަންހެނުންގެ ކޮމިޓީގެ ރައީސްކަން 578 ވޯޓާއެކު ޕީއެންސީގެ ހައްވާ ފަޒްނާ ކާމިޔާބުކުރިއިރު، އެމްޑީޕީގެ މަހުދިއްޔާ އާދަމަށް ލިބުނީ 528 ވޯޓެވެ. ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި 362 ވޯޓާއެކު ޕީއެންސީގެ ފާތިމަތު ރިއުޒާ ކާމިޔާބުކުރިއިރު އަމިއްލަ ކެންޑިޑޭޓް ފާތިމަތު ނިޝާދާއަށް ލިބުނީ 232 ވޯޓެވެ. އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ ގޮނޑި 563 ވޯޓުން ކާމިޔާބުކުރީ ޕީއެންސީގެ ފާތިމަތު ޝާފިޔާއެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ މަރިޔަމް މާއިޝާއަށް ލިބުނީ 545 ވޯޓެވެ.

މި އިންތިޚާބުތައް ބޭއްވި ފަސް ދާއިރާގައި ޖުމްލަ 6،093 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 4،389 މީހުން ވަނީ ވޯޓުލުމުގައި ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.