މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން، ހަވީރު 4:00 ގައި ނިންމާލުމަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހެނދުނު 8:00 ގައި ވޯޓުލުން ފެށިގެން ދިޔައިރު ބައެއް މަރުކަޒުތަކުގައި ކުޑަ ލަސްވުމެއް އުޅުނު ނަމަވެސް، އެއްވެސް ވޯޓު ފޮއްޓެއްގެ ވަގުތު އިތުރުކޮށްދީފައެއް ނުވެއެވެ. އުސޫލުގެ މަތިން ވޯޓުލުން ބަންދުކުރީ ވަގުތު ހަމަވިއިރު ކިޔުގައި ތިބި މީހުން ވޯޓުލައި ނިމުމުންނެވެ.
މި އިންތިޚާބުގައި ޖުމްލަ ފަސް ދާއިރާއެއްގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންގެ ގޮނޑިއާއި، ފުވައްމުލަކު ސިޓީ ކައުންސިލްގެ ދަޑިމަގު ދާއިރާގެ ގޮނޑީގެ އިތުރުން، ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ކޮމިޓީގެ މެންބަރުން ހޮވުމަށް ބޭއްވި ވޯޓުލުމެވެ.
މި ފަސް ދާއިރާއަށް ވޯޓުލުމަށްޓަކައި މާލޭގައި ބެހެއްޓި 6 ފޮށްޓާއެކު މުޅިއަކު 14 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 6،093 ރައްޔިތަކަށް ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ