ލޯކަލް ކައުންސިލް އިންތިޚާބުގައި ނަތީޖާ އެއްވަރުވި 5 ދާއިރާއެއްގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި ނަތީޖާ އެއްވަރުވި 5 ދާއިރާއެއްގެ ވޯޓުލުން ފަށައިފި

Author
އަހުމަދު
18 އޭޕްރިލް 2026 09:53
0

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ނަތީޖާ އެއްވަރުވެގެން އަލުން ވޯޓުލާންޖެހުނު ފަސް ދާއިރާއެއްގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދޭ ގޮތުގައި، މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި އިންތިޚާބުގެ ވޯޓުލުން ހުރިހާ މަރުކަޒެއްގައިވެސް މިހާރު ވަނީ ފެށިފައެވެ. ދެވަނަ ބުރެއްގެ ވޯޓުލުން ކުރިއަށްދާ ދާއިރާތަކަކީ ހދ. ނޭކުރެންދޫ އަދި ލ. މާވަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމާއި، ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމުގެ އިތުރުން ފުވައްމުލަކު ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރުކަމާއި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއެވެ. މި ދާއިރާތަކުގެ ވޯޓުނެގުމަށް މާލެއާއި އަތޮޅުތެރޭގައި ޖުމްލަ 14 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިޚާބުގައި މާލޭގައި ވޯޓުލާ ފަރާތްތަކަށް ތިން ސްކޫލެއްގައި ފޮށިތައް ބަހައްޓާފައިވެއެވެ. އެގޮތުން ފުވައްމުލަކު ދަނޑިމަގު ދާއިރާގެ ފޮށި ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާއިރު، ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. އަދި މާވަށާއި ނޭކުރެންދޫގެ ރައްޔިތުން ވޯޓުލާނީ ހިރިޔާ ސްކޫލުގައެވެ.

މުޅި ރާއްޖޭގައި ބޭއްވި މައިގަނޑު އިންތިޚާބުގައި 582 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އެ އިންތިޚާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.