މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ރައްޔިތުންގެ ނިންމުން ގަބޫލުކޮށް އިސްލާހުކުރަންޖެހޭ ކަންކަން ސަރުކާރުން ފަށައިފިކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހއ. މުރައިދޫގައި ކޮންގްރެސް ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި އިންތިޚާބުން ވެރިކަންކުރާ ޕާޓީއަށް ލިބުނީ 'ބީ' ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ސަރުކާރުންވެސް ބޭނުންވާ ނަތީޖާ ނޫންކަމަށާއި، ސަރުކާރުގެ އަމާޒަކީ 'އޭ' ރިޕޯޓު ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގެ ނަތީޖާއާއެކު ރައްޔިތުން ދޭން ބޭނުންވި މެސެޖު ރައީސް އައްސަވައިފިކަމަށާއި، ރައްޔިތުންގެ ބަސް ގަބޫލުކުރުމަކީ ޑިމޮކްރަސީގެ އެންމެ ރީތި ސިފަ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނިމިދިޔަ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިޔާމް ވަނީ، ދައުލަތުން ވައްކަން ކުރިއަސް ކުރީގެ ސަރުކާރުން ވަޒީރުން ވަކިކުރަން ނުކެރި ތިބިކަމަށް ވިދާޅުވެފައެވެ.
މި އިންތިޚާބުގައި 75 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުތުމަކީ ރައްޔިތުން އިންތިޚާބީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވެފައިވާކަމުގެ ހެއްކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އިލެކްޝަންސް ކޮމިޝަނާއި ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެކަން މިހާރު ރައްޔިތުންނަށް ކަށަވަރުވެފައިވާ ކަމަށާއި، މިއީ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހަގީގަތަކީ މި އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވުމެވެ. ރާއްޖޭގެ މައި ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ މޭޔަރުކަމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސްކަންވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އޭގެ އިތުރުން، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ނެގި އާންމު ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް 69 އިންސައްތަ މީހުން ވަނީ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދީފައެވެ.
ކޮމެންޓު ފޮނުވާ