މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި

މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފި

Author
ހުސައިން
16 އޭޕްރިލް 2026 09:09
0

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުގެންނަވައިފިއެވެ.

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ ދާދިފަހުން ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން، އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކޮމެޓީގެ އައު އެކުލެވުން ފާސްކުރައްވާފައެވެ. މި ބަދަލު ގެންނަވަން ޖެހުނީ ކުރިން ކޮމެޓީގައި ތިއްބެވި ގިނަ ވަޒީރުންތަކެއްގެ މަގާމު ގެއްލި، އައު ބޭފުޅުންތަކަކާއެކު ކެބިނެޓް އަލުން އެކުލަވާލެއްވުމާ ގުޅިގެންނެވެ.

އަލަށް އެކުލަވާލެއްވި ކޮމެޓީގެ ޗެއަރއަކަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރެވެ. ދެން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރ މުޙައްމަދު ސަޢީދު، ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމް އަދި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީނެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ރައީސް އުފެއްދެވި މި ކޮމެޓީގެ މައިގަނޑު މަޤްޞަދަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމެވެ.

ކުރިން މި ކޮމެޓީގެ ޗެއަރއަކަށް ހުންނެވި އޭރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލްގެ އިތުރުން ކޮމެޓީގައި ދެން ތިއްބެވި އޭރުގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫނާއި، އޭރުގެ ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް އަދި އޭރުގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަލީ ހައިދަރު އައު ކެބިނެޓަކު ނުހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.