ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި، ޝިޔާމަށް މަޤާމުގެ ފަތްކޮޅު ދެއްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައި ކުރެއްވުމަށްފަހު އޭނާ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
މި ބަދަލު ގެންނަވާފައި މިވަނީ، ސަރުކާރުގެ ކެބިނެޓުން 10 ވަޒީރަކު އިސްތިއުފާދެއްވުމާ ގުޅިގެން ބައެއް ވުޒާރާތައް އުވާލައްވައި، އަދި އިތުރު 12 ވަޒީރަކު ރޭގެ ވަގުތެއްގައި ޢައްޔަންކުރައްވާފައި ވަނިކޮށެވެ.
ކުރިން ވަކި ވުޒާރާއެއްގެ ގޮތުގައި ހިންގަމުންދިޔަ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ވަޒީރުކަމުގައި ހުންނެވި ޑރ. މަރްޔަމް މާރިޔާ އިއްޔެ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. މިއާއެކު ދަނޑުވެރިކަމާބެހޭ ވުޒާރާ އުވާލައްވައި، އެ ދާއިރާގެ މަސައްކަތްތައް މިހާރު ވަނީ ފިޝަރީޒް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ