ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކުގެ ތެރެއިން ކެބިނެޓްގެ 10 ވަޒީރަކު ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އަދި މިހާތަނަށް އެކުލަވާލެއްވި އާ ކެބިނެޓްގައި، މިއަދު މަގާމުން އިސްތިއުފާ ދެއްވި އެއްވެސް ވަޒީރަކު ނުހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް މަގުފަހިކުރުމަށްޓަކައި މިއަދު އިސްތިޢުފާ ހުށަހެޅުއްވި 10 ވަޒީރުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުފުޅުކުރައްވާފައެވެ. މިއަދު އިސްތިޢުފާދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި، ފޮރިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ.
މީގެ އިތުރުން ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމާއި، އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑޮކްޓަރ މަރްޔަމް މާރިޔާއާއި، ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަޙީދާއި، ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
ވަޒީރުންގެ މަޖިލީހަށް ގެނައި މި ބޮޑު ބަދަލުގެ އިތުރުން، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ އިންތިޚާބަށްފަހު ސަރުކާރުގެ ބައެއް ކުންފުނިތަކާއި އިސް މަޤާމުތަކަށްވެސް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޢަލީ އާރިފް އިއްޔެ އިސްތިޢުފާ ދެއްވާފައިވާއިރު، އެމްޕީއެލްގެ އެމްޑީ މުޙައްމަދު ރިޝްވާނާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ޢަބްދުލްމަތީން ވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. މީގެ ތެރެއިން ރިޝްވާން އިސްތިޢުފާ ދެއްވީ އެކަމަށް އެދުމުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ހަމައެއާއެކު، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭގެ ތެރޭގައި، މިފްކޯގެ އެމްޑީ އަދި ސީއީއޯ ފަރްޙަތު ޝަހީރާއި، އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީއާއި، ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާޙު ހިމެނިވަޑައިގަންނަވައެވެ. މި ބަދަލުތަކާ ގުޅިގެން، ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަދި ކުރިން ސްޓެލްކޯގެ އެމްޑީކަންވެސް ކުރެއްވި ޙުސައިން ފަހުމީ މިއަދު ވަނީ އެމްޑަބްލިއުއެސްސީގެ އައު މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ