ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވެ، ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ކެބިނެޓުގެ މައްޗަށް ރައީސްގެ އިތުބާރު ގެއްލިފައިވާ ފަދައިން ރައީސްގެ މައްޗަށް އޮތް ރައްޔިތުންގެ އިތުބާރުވެސް މިހާރު ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ބޮޑުވަމުންދާކަން ފާހަގަކުރައްވައި، ޤައުމަށް ބޭނުންވާ އަސާސީ އިޞްލާޙުތައް ގެނެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި މިއީ އިންތިގާލީ ސަރުކާރެއް އެކުލަވާލަންވީ ވަގުތުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ގޮވާލައްވާފައި މިވަނީ، ސަރުކާރުގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޢާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް އުފެދި، ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ވަޒީރުން އިސްތިއުފާ ހުށަހެޅުއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. އަދި އެބޭފުޅުންގެ އިސްތިއުފާ ރައީސް މިހާރު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށްވެސް ސަރުކާރުން ވަނީ މަޢުލޫމާތު ދީފައެވެ.
ކޮމެންޓު ފޮނުވާ