ފަނޑިޔާރުންގެ އަނބިން ނުވަތަ ފިރިން ނުވަތަ އާއިލާ މީހުން މަސައްކަތް ކުރާ ކޯޓުތަކަށް އެ ފަނޑިޔާރުން އައްޔަން ނުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން އާއިލީ ގުޅުން ހުރި ކަމަށް ބަލަނީ އަނބިންނާއި ފިރިންނާއި ދަރިންގެ އިތުރުން މައިންބަފައިންނާއި ކާފަ އާއި މާމަގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި ބޮޑުދައިތަ އާއި ބޮޑުބޭބެ އިތުރުން އެއިން މީހެއްގެ ދަރިންނެވެ.
ޖޭއެސްސީން ބުނެފައިވަނީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެކޯޓެއްގެ މަސައްކަތް ކުރާ މުވައްޒަފުންނާ ނަސަބުގެ ގޮތުންނާއި ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެކަމަށް ޤަބޫލުކުރެވޭތީއާއި ފަނޑިޔާރުން ޢައްޔަނު ކުރުމުގައާއި އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި މިކަމަށް ރިޢާޔަތް ނުކޮށްފިނަމަ، ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011″ ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ފުށުއެރުމެއް އުފެދޭނެތީ މިބަދަލު ގެނައުމަށް ނިންމާފައިވާކަމަށެވެ.
ޖޭއެސްސީން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަކަށް އެ މީހަކު އައްޔަންކޮށް ނުވަތަ ބަދަލުކޮށެއް ނުދެވޭނެ އެވެ.
ކޮމެންޓު ފޮނުވާ