އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، ޤުރުއާން އޮންލައިންކޮށް ކިޔަވައިދިނުމަށް މަޝްވަރާކޮށްފި

އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، ޤުރުއާން އޮންލައިންކޮށް ކިޔަވައިދިނުމަށް މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 06:29
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، އަދި ޤުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ނައިބު ވަނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ޤުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމުކަމާއި، ދިވެހިންގެ އާދަކާދައާއި ސަޤާފަތަށް އެކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަން ޙާޞިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް މި މާއްދާތައް ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް އެ އިދާރާތަކުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.