މިފްކޯގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވައިފި

މިފްކޯގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވައިފި

Author
ހުސައިން
12 އޭޕްރިލް 2026 11:16
0

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަރުހަތު ވިދާޅުވީ، އިސްތިއުފާ ދެއްވީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. ފަރުހަތު މިފްކޯގެ އެންމެ އިސް މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ. އެއީ އޭރު އެ މަގާމުގައި ހުންނެވި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ފަރުހަތު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ސިފައިންގޭގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ފަރުހަތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. 2012 ވަނަ އަހަރު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ. އޭނާ އަކީ އައިޖީއެމްއެޗްގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނެވި ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.