ތޯރިގަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ހެކި ނެތިގެން ފައިލްކޮށްފި

ތޯރިގަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ހެކި ނެތިގެން ފައިލްކޮށްފި

Author
ހުސައިން
10 އޭޕްރިލް 2026 11:42
0

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް، ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) އަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ، އެކަށީގެންވާ ހެއްކާއި ގަރީނާ ނެތްކަމަށް ބުނެ ފުލުހުން ފައިލްކޮށްފިއެވެ.

ތޯރިގުގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ސައްހަ ނޫން ފޯމެއް ހުށަހަޅާފައިވާ ކަމަށް ބުނެ އޭނާ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު 26 ގައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ތޯރިގަށް ދިން ޖަވާބުގައި ބުނެފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ދިރާސާކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ނެތުމުން މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިތުރު ފިޔަވަޅެއް ނާޅައި މައްސަލަ ވަނީ ފައިލްކޮށްފައެވެ.

ފުލުހުންގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ތޯރިގް ވިދާޅުވީ، ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހި މީހުންނާއި، ޕާޓީން އެކަން ކަށަވަރުކުރި ފަރާތްތަކުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން (އީސީ) ދަފުތަރަށް ބަދަލުގެނައި މީހުންވެސް އެނގެން އޮންނާނެ ކަމަށެވެ. މިހެން ކަން އޮތްއިރު ހެކި ނެތްކަމަށް ބުނެ މައްސަލަ ފައިލްކުރުމުން، އީސީއަށް އިތުބާރު ކުރެވޭނެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އޮޅުވާލައިގެން މީހުން ޕާޓީއަށް ވައްދާ ކަމަށް ކުރެވޭ މިފަދަ ތުހުމަތުތައް ވެރިކަން ކުރާ ޕީއެންސީން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.