މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިއަން ރުފިޔާ ދޫކޮށްފި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިންނަށް 88.8 މިލިއަން ރުފިޔާ ދޫކޮށްފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 07:25
0

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 88.8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ސަރުކާރުގެ މައި މަސް ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ޖުމްލަ 5،186 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކިރުވާފައިވަނީ ޖެނުއަރީ މަހުގައެވެ. އެއީ 2،454 ޓަނެވެ. އޭގެ ފަހުން ފެބްރުއަރީ މަހު 1،108 ޓަނު އަދި މާޗު މަހު 1،625 ޓަނުގެ މަސް ކިރުވާފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ.

ފައިސާ ދޫކުރި ގޮތަށް ބަލާއިރު، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް ޖެނުއަރީ މަހުގައެވެ. އެގޮތުން އެ މަހު 40.3 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ފެބްރުއަރީ މަހު 19 މިލިއަން އަދި މާޗު މަހު 29.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހޭދަވެފައިވަނީ ކަޅުބިލަމަސް ގަތުމަށެވެ. އެގޮތުން ކަޅުބިލަމަހަށް އެކަނިވެސް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، ކަންނެއްޔަށް 8.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ކުރިން މަސްވެރިންނަށް ފައިސާ ލިބުމުގައި ލަސްތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު މަސް ކިރުވާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެމުން އަންނަ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. ހަމައެއާއެކު، މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އެއް އަގެއްގައި ހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.