ޣައްޒާގައި އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އަލްޖަޒީރާ މުބާޝަރްގެ ކޮރެސްޕޮންޑެންޓް މުހައްމަދު ވިޝާހް ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި ބުދަ ދުވަހު މި ހަމަލާ ދީފައިވަނީ ޣައްޒާގެ ހުޅަނގު ފަރާތުން އޭނާ ދަތުރުކުރަމުން ދިޔަ ކާރަށް އަމާޒުކޮށެވެ. އަލްޖަޒީރާ މީޑިއާ ނެޓްވޯކުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، އެ ނެޓްވޯކުން ސިފަކުރި ގޮތުގައި މިއީ ނޫސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ގަސްތުގައި ދީފައިވާ ހަމަލާއެކެވެ. އަދި މި ނިރުބަވެރި އަމަލުގެ ފުރިހަމަ ޒިންމާ އިސްރާއީލުން އުފުލަންޖެހޭނެ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ މިއީ އިސްރާއީލުން ރާވައިގެން ނޫސްވެރިން ނައްތާލުމަށް ހިންގާ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. މުހައްމަދު ވިޝާހްގެ މަރާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޝަހީދުވި ނޫސްވެރިންގެ އަދަދު ވަނީ 262 އަށް އަރާފައެވެ. މީގެ އިތުރުން، މިފަދަ ޖަރީމާތައް ހުއްޓުވައި، ކުށްވެރިން ބައިނަލްއަގުވާމީ ކޯޓުތަކަށް ހާޒިރުކުރުމަށާއި ޣައްޒާގެ ގަތުލުއާންމު ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިއްތުންތައް ކުރިމަތިކުރުމަށްވެސް އެ އޮފީހުން ވަނީ ގޮވާލާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 171,000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އެމެރިކާގެ އެހީތެރިކަމާއެކު މިދިޔަ އޮކްޓޯބަރު މަހު ހަމަލާތައް މަޑުޖައްސާލި ނަމަވެސް، އޭގެ ފަހުންވެސް އިސްރާއީލުގެ ހަމަލާތަކުގައި އިތުރު 733 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ