މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރި އާ ކައުންސިލަރުން މަޤާމުގެ ހުވާކުރުން އަންނަ މޭއި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރާނެ ތާރީޚެއް އެލްޖީއޭއިން ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެވެ. މޭއި 17 ވަނަ ދުވަސް އިޚުތިޔާރުކޮށްފައިވަނީ، މިހާރު މަޤާމުގައި ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު އެ ދުވަހަށް ހަމަވާތީއެވެ. އެ ބޭފުޅުން މަޤާމުގެ ހުވާކުރައްވާފައިވަނީ 17 މޭއި 2021 ގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ. ނަމަވެސް ކައުންސިލަރުންނާ ޚިލާފަށް އެ ކޮމިޓީތަކުގެ މެންބަރުން ހުވައެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި އެލްޖީއޭއިން ބުނެފައިވަނީ، އެ ދުވަހު ބާއްވާ ރަސްމިއްޔާތުގައި އެ މެންބަރުން ކުރިއަށްގެންދާނީ މަޤާމުގެ އިޤްރާރުގައި ސޮއިކުރުން ކަމަށެވެ.
މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ މި އިންތިޚާބުގައި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އަދި ރަށު ކައުންސިލްތަކަށް 626 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ވޯޓުލާފައެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބުކޮށްފައިވެއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާތައް މިހާރު ހާމަކޮށްފައިވާއިރު، ދާއިމީ ނަތީޖާ އިޢުލާންކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ