މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރައި އަޑިއަށްދިޔަ "އުދަރެސް" ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ސަލާމަތުން އޮއްވާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އިސްމާއީލް އަފީފް ނަމަކަށް ކިޔާ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ކަނޑުމަތީގައި އޮތް ފިލާގަނޑެއްގެ އެހީގައި ފެންމަތީގައި އޮއްވައެވެ.
ޖުމުލަ 13 މީހުންނާއެކު ދަތުރުކުރި މި މުދާއުފުލާ ބޯޓު ލ. އަތޮޅު ސިކްސެންސް ލާމު ރިސޯޓު ކައިރީގައި އޮތް ފަރަކަށް އެރިކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:21 ހާއިރުއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި އިތުރު 11 މީހަކު ވަނީ ރިސޯޓެއްގެ ދޯންޏަކުން ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ.
މި ނުރައްކާތެރި ހާދިސާގައި ބޯޓު އަޑިއަށް ދިޔަ ނަމަވެސް، ބޯޓުން ދަތުރުކުރި އެންމެން މިހާރު ސަލާމަތް ކުރެވިފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ