ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 10:24
0

 

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 1:00 އާ ހަމައަށެވެ. މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި މި ވަގުތުތަކުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މުޅި ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ. މީގެ ތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު، އުތުރުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރައި ގުގުރާނެކަމަށް މެޓުން ބުނެއެވެ. އާންމު ގޮތެއްގައި ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް ގަދަވާނެއެވެ. އަދި އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އެގޮތުން ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.