ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ ބޮޑެތި އަމަލުތަކެއް ހިންގަން ރޭވިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ 8 މީހެއްގެ ޝަރީއަތުގެ އަޑުއެހުންތައް ކޯޓުން މުޅިން ނިންމާލައިފިއެވެ.
މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން މި މަހުގެ 8 ވަނަ ދުވަހު ބާއްވާފައިވާއިރު، އެ ދުވަހުގެ މަޖިލީހުގައި ދެފަރާތުން ވަނީ ޚުލާޞާ ބަޔާން ހުށަހަޅައި ފަހު ބަސް އިއްވާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ޚުލާޞާ ބަޔާން ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވަން ޖެހެއެވެ. އެހެންކަމުން، އަންނަ މެއި މަހުގެ 8 ވަނަ ދުވަހުގެ ކުރިން މި މައްސަލައިގައި ކޯޓުން ހުކުމެއް އިއްވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާކުރެއެވެ. މިއީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.
ދައުލަތުން މި 8 މީހުންގެ މައްޗަށް ޖުމްލަ 6 ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، އެކަމަށް ހިތްވަރު ދިނުމާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުން ގެންގުޅުމާއި، ހަނގުރާމައަށް ދާން އުޅުމުގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ފަދަ ކުށްތައް ހިމެނެއެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މީހުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިރުޝާދުގެ ދަށުން އައިއީޑީއެއް (ބޮމެއް) ތައްޔާރުކޮށް، ރާއްޖޭގެ ސަރަހައްދެއްގައި ގޮއްވާލައި ގައުމީ ސަލާމަތަށް ނުރައްކާކުރަން ރާވާފައެވެ.
މީގެ އިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ ތަމްރީނުތައް ހެދުމާއި، ތިމަރަފުށީގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރު ފެތުރުމަށް ކްލާސްތަކާއި އޮންލައިން ދަރުސްތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވެއެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދު ނުކޮށް ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
މި ނުރައްކާތެރި މައްސަލައިގައި ދައުވާ ލިބޭ މީހުންނަކީ ތ. ތިމަރަފުށީގެ ފަސް މީހުން ކަމަށްވާ ޢަލީ މުނީޒު، މުޙައްމަދު އާޞިރު، އަބްދުﷲ ޝަރީފް، އަޙްސަން މުޙައްމަދު، އަދި ސައިމާ ޝަމާޚު ޝަރީފްގެ އިތުރުން ރ. މަޑުއްވަރީ ޢަބްދުﷲ ޢިމާދު، ނ. ކުޑަފަރީ ޢިބްރާހިމް ލޫޠު އަދި ރ. ކަނދޮޅުދޫ ޢަލީ އަރުހަމް މުޙައްމަދެވެ.
ކޮމެންޓު ފޮނުވާ