މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 684,908 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި 689,634 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރު ވަނީ 4,726 ފަތުރުވެރިން މަދުވެފައެވެ. ވަކިން ހާއްސަކޮށް މިމަހުގެ ފުރަތަމަ ހަތް ދުވަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 26 އިންސައްތަ ދަށްވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 7,061 ފަތުރުވެރިން އާދެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިޚްތިޔާރުކުރަނީ ރިސޯޓުތަކެވެ. އެގޮތުން 462,361 މީހުން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، ދެން އެންމެ ގިނަ ބަޔަކު ޚިޔާރުކުރީ ގެސްޓްހައުސްތަކެވެ. މީގެ އިތުރުން ހޮޓެލްތަކާއި ސަފާރީ އުޅަނދުތަކުގައިވެސް ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި 100,185 ފަތުރުވެރިންނާއެކު ޗައިނާ އޮތްއިރު، ދެވަނަ އަދި ތިންވަނައިގައި އޮތީ ރަޝިއާ އާއި އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް އަދި އެމެރިކާ ފަދަ ގައުމުތަކަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވީ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާކެޓިންގ ހަރަކާތްތައް އިތުރުކޮށް ފުޅާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ