އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމާ ބޮންޑޭ ދެކޮޅު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމާ ބޮންޑޭ ދެކޮޅު

Author
އަހުމަދު
08 އޭޕްރިލް 2026 09:01
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވަކިކުރަން ނުޖެހޭ ކަމަށް، މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ބޮޑުވެ، ގަޕޯ މަގާމުން ވަކިކުރުމަށް އެދި އެ ޕާޓީގެ ގައުމީ މަޖިލީހަށް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި މައްސަލަ ފެންމަތިވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޕާޓީގެ އިސް ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު އަރުވާފައި ނުވާތީއެވެ. އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ވަނީ އެ ހަފްލާ ބޮއިކަޓުވެސް ކުރައްވާފައެވެ.

މި މައްސަލައިގައި ގަޕޯ އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވަމުން ގެންދަވާއިރު، ބޮންޑޭ ވެސް ދެކެވަޑައިގަންނަވާ ގޮތުގައި ގަޕޯ މަގާމުން އިސްތިއުފާ ދެއްވާކަށް ނުޖެހެއެވެ. އޭނާ ވިދާޅުވީ އުފާފާޅުކުރުމުގެ ހަރަކާތުގެ އެޖެންޑާއާ ހަމައަށް ގަޕޯގެ މަސައްކަތްތައް ކުރިއަށް ގެންދެވީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މި މައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ ގަޕޯ މަގާމުން ވަކިކުރުމުގެ ބަދަލުގައި، ގައުމީ މަޖިލީހުން އޭނާއަށް ނަސޭހަތް އެރުވުމަށްފަހު މައްސަލަ ނިންމާލުން ކަމަށްވެސް ބޮންޑޭ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.