އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް، ޕާޓީގެ މަގާމުތަކުން ކުއްލި ގޮތަކަށް ވަކިކޮށްފިއެވެ. މި ފިޔަވަޅު އެޅުއްވީ ޕާޓީގެ މަސައްކަތްތަކަށް އެއްބާރުލުން ނުދެއްވާކަމަށް ވިދާޅުވެ، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަށްފަހު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ވަނީ އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައެވެ. އިންތިހާބުގެ ކާމިޔާބީގެ ސިއްރަކީ ރައީސް މުހައްމަދު ނަޝީދުކަމަށް ބައެއް މީހުން ބުނަމުންދާއިރު، އަނެއް ބަޔަކު ދަނީ އެކަމާ ދެކޮޅު ހަދައި މިއީ ވަކި ބޭފުޅެއްގެ މޮޅެއް ނޫންކަމަށް ބުނަމުންނެވެ. މި މައްސަލަ އިތުރަށް ހޫނުވީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ދިނުމާމެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެންނެވެ.
މިކަންކަމާ ގުޅިގެން ޕާޓީގެ އެތެރޭގައި ހިތްހަމަނުޖެހުން ބޮޑުވެ، 55 މެމްބަރުންގެ ސޮޔާއެކު ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިހާރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް ޣަފޫރު ވިދާޅުވީ އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި އޭނާ އެ މަގާމަށް ވަޑައިގަތީ ގައުމީ މަޖިލީހުގެ ވޯޓަކުން ކަމަށްވާތީ، މަގާމުން ވަކިކުރަން ބޭނުންނަމަ ޖެހޭނީ ހަމަ އެ އަޣުލަބިއްޔަތުން ވޯޓަކަށް ގޮސްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރޭ އާއި މައުރޫފް ވަކިކުރި ސަބަބާ ގުޅޭގޮތުން ޣަފޫރު ވިދާޅުވީ، ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ޗެއާޕާސަނަށް ލިބެންޖެހޭ އެއްބާރުލުން ތަކުރާރުކޮށް އެދުމުންވެސް ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އިބްރޭ ވިދާޅުވާ ގޮތުގައި، އޭނާ މަގާމުން ވަކިކުރުމަށް ގާނޫނީ ލަފަޔަކަށް ޣަފޫރު އެދިވަޑައިގަތުމުން، އަސާސީ ގަވާއިދުގެ ދަށުން އެކަން ނުކުރެވޭނެކަމަށް މައުރޫފް ލަފާދެއްވިއެވެ. އަދި ޣަފޫރު ފުރަތަމަ ވަކިކުރެއްވީ މައުރޫފް ކަމަށާއި، އޭގެ ފަހުން ދާދި އެއް ވަގުތެއްގައި އިބްރޭވެސް މަގާމުން ވަކިކުރިކަން އެންގީކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ