ކައުންސިލް އިންތިހާބުގެ ކާމިޔާބީއަށްފަހު އިދިކޮޅު އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވެ، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ޕެޓިޝަނުގައި މިހާތަނަށް 50 އަށްވުރެ ގިނަ މެންބަރުން ވަނީ ސޮއިކޮށްފައެވެ. މިދިޔަ ޑިސެމްބަރު މަހު 65 މެންބަރުންގެ ތާއީދާއެކު އެ މަގާމަށް ވަޑައިގެންނެވި ގަޕޯ ވަކިކުރުމަށް، ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން މަދުވެގެން 10 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުން ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
މި މައްސަލަގަނޑު ފެށުނީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގެ އެޖެންޑާއިން، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަފުޅުދައްކަވާ ގޮތަށް އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. މިކަމާ ހިތްހަމަނުޖެހި އެ ދެބޭފުޅުން ޖަލްސާ ބޮއިކޮޓް ކުރެއްވިއިރު، އާންމު މެންބަރުން ވަނީ ޖަލްސާ ތެރޭގައި ރައީސް ނަޝީދު ކޮބައިތޯ ސުވާލުކޮށް އަޑުގަދަކޮށްފައެވެ. އޭގެ އިތުރުން އިންތިހާބުގެ ކާމިޔާބީގެ ކްރެޑިޓް ނެގުމާމެދުވެސް ޕާޓީގެ ތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. ގަޕޯ ސޮއިކުރައްވައި ފޮނުއްވި ސިޓީއަކުން މި ދެބޭފުޅުން ވަކިކުރީ ފައްޔާޒާ ގާތްގުޅުމެއް އޮންނާތީކަމަށް ޕާޓީގެ ތެރެއިން ތުހުމަތުކުރެވެއެވެ. މިކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގަޕޯގެ އިސްތިއުފާއަށް ގޮވައި މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ގަޕޯއަށް ވަކި ގޮތަކަށް އަމަލުކުރުމަށް އިރުޝާދު ދެއްވަނީ ކޮން ބޭފުޅެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދާފައި ވެއެވެ.
ކޮމެންޓު ފޮނުވާ