މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރި ކަނބާ އައިސާ ރަނިހިނގުމުގައި ފެންބޮޑުވެފައިވާ ފޮޓޯއެއް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުއިއްޒު ހިއްސާ ކުރެއްވުމުން މާލެ ސިޓީ ކައުންސިލް ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ރައްދު ދެއްވައިފިއެވެ.
ކަނބާ އައިސާ ރަނިހިނގުން އަލުން މަރާމާތުކޮށް ތަރައްޤީކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. ވިއްސާރަ ދުވަސްވަރު މި މަގުގައި ފެންބޮޑުވުމާއި އަޑިގުޑަން ހުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިން ދިމާވި ނަމަވެސް މި ޕްރޮޖެކްޓާއެކު މި ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މިއާއެކު އިއްޔެ މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މިސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއި، ސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެމަގުގައި ބޯކޮށް ވާރޭ ވެހިގެންވެސް ދެން ފެންބޮޑު ނުވާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާކޮށްފައެވެ.
މިމަގުގައި ފެންބޮޑުވުމަށް ހައްލު ގެނެވިފައިވާކަމަށް ވިދާޅުވެ ސަރުކާރަށް ތައީދު ކުރާ ފަރާތްތަކުން ސޯޝަލް މީޑިޔާގައި ވާހަދައްކައި ފޮޓޯތައް ދައުރުކޮށްފައި ވަނިކޮށް ޑރ.މުއިއްޒު ހިއްސާކުރި ފޮޓޯގައި އެމަގުގައި ވަރަށްބޮޑަށް ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް ފާޑުވިދާޅުވެފައިވެއެވެ. މިފޮޓޯއާއި ގުޅިގެން ޝަމާއު ވިދާޅުވީ އިއްޔެގެ އެއްވެސް ވަގުތެއްގައި މަގުގެ ދަނޑާއި އިންވެގެން އޮތް ޕާކިން ޒޯނު ހުސްކޮށް އޮތްވައި ނުފެންނަ ކަމަށެވެ. އަދި މުއިއްޒު ހިއްސާ ކުރެއްވި ފޮޓޯއަކީ އިއްޔެގެ ފޮޓޯއެއް ނޫންކަމަށް ޝަމާއު ވަނީ ވިދާޅުވެފައެވެ.
Iyyege evves vaguthehga Dhandaa invegen oiy parking area huskoh ovva nufeney. Thiya photo ga hama enme cycle ehves neiy. Theekee iyyege photo eh noon.
— Shamau Shareef (@schamau) January 13, 2021
ކަނބާ އައިސާރަނި ހިނގުމުގެ ބައެއް ތަރައްޤީކޮށް ސަރުކާރުން ވަނީ އެމަޝްރޫޢުގެ ނިމުން ފާހަގަކޮށްފައެވެ. މާލޭ ރޯޑްސްކޭޕިންގްގެ ދަށުން ތަރައްޤީކުރި ކަނބާއައިސާ ރަނިހިނގުން ޚާއްޞަ ހިނގާލުމަކުން ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ