ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކުގެ މެނޭޖުމަންޓުތަކުން އެރިސޯޓްތަކުގައި ވަޒީފާއަދާކުރާ މުވައްޒިފުންނާއިމެދު ޤާނޫނީ އިމުގެ ބޭރުން އަމަލު ކުރަންދާތީ އެކަންކަމުގެ ޝަކުވާ މިނިސްޓަރަށާއި، މިނިސްޓްރީއާއި ހަމައަށް ފޮނުވައި ދެއްވުމަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް އެދިޑައިގެންފިއެވެ.
ކޯވިޑް-19 އާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމަށްފަހު އަލުން ފަތުރުވެރިކަން ރަނގަޅުވެގެންދާއިރު މުވައްޒިފުންނާއިމެދު ބައެއް ރިސޯޓުތަކުގެ މެނޭޖުމަންޓުތަކުން އަމަލު ކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ މުވައްޒިފުންގެ ފަރާތުން ޝަކުވާ ލިބިފައިވާކަމަށެވެ. އެޝަކުވާތަކަކީ މިނިސްޓްރީން ނުބަލައި ދޫކޮށްލާނެ ކަންކަމެއް ނޫންކަމަށާއި، މުވައްޒިފުންނާއިމެދު ގޯސްކޮށް އަމަލުކުރާ ފަރަތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު މިނިސްޓްރީން އަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިހިސާބަށް އައިސްފައިވަނީ މުވައްޒިފުންގެ ބުރަ މަސައްކަތުން ކަމަށްވާއިރު، މުވައްޒިފުންގެ ހައްގުތައް ގެއްލޭގޮތަށް ބައެއް ރިސޯޓުތަކުން އަމަލުކުރާކަމީ ކަންބޮޑުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގިނަ ރިސޯޓުތަކުން މުވައްޒިފުންނާއިމެދު އަމަލު ކުރަމުންދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ނަމަވެސް މަދު ރިސޯޓުތަކެއްގައި މުވައްޒިފުންނާއިމެދު ވަރަށް ދެރަކޮށް ކަންކަން ކުރާކަމަށެެވ.
އަޅުގަނޑު ދަންނަވާނީ އަޅުގަނޑާއިހަމައަށް، މިނިސްޓްރީއާއި ހަމައަށް ޝަކުވާ ތައް ފޮނުވާށޭ. އަޅުގަނޑުމެން ބަލާނަމޭ. އަޅުގަނޑުމެން މިތިބީ މުވައްޒިފުންނަށްވެސް އަދި މެނޭޖުމަންޓަށްވެސް ފައިދާވާނެ ގޮތަކަށް ކަންކަން ކުރަން. މިނިސްޓްރީ އޮތުމުގެ ބޭނުމަކީ އެއީ.
– މިނިސްޓރަ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒިފުންނަށް ސާވިސްޗާޖު ދޭންޖެހޭކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާއިރު، ސާވިސްޗާޖު ނުދޭ ރިސޯޓުތަކާއިމެދު ޤާނޫނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ. ސާވިސް ޗާޖު ދިނުމުގައި މިނިސްޓްރީއަށް ސިޔާސީ އެއްވެސް ނުފޫޒެއް ނެތްކަމަށާއި، ނަމަވެސް މިނިސްޓްރީ ތެރޭގައި އޮތީ ޤާނޫނީ ނުފޫޒުކަމަށެވެ. ޤާނޫނީ ގޮތުން މިހާރު ދިމާވެފައިވާ މައްސަކަތައް ހައްލު ވުމުން މުވައްޒިފުންނަށްވެސް އަދި މެނޭޖުމަންޓް ތަކަށްވެސް ރަނގަޅު ގޮތްތަކެއް ވެގެންދާނެކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.
ކޯވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވައިގެން މިހާތަނަށް ހޯދުނު ކާމިޔާބީއަކީ ރިސޯޓްތަކުގެ މުވައްޒިފުންނާއި، މުނޭޖުމަންޓުތަކުން ސަރުކާރާއި ގުޅިގެން ކުރި މަސައްކަތުން ލިބުނު ކާމިޔާބީއަކަށްވާއިރު، މިކާމިޔާބީ ދަމަހައްޓައި، އިތުރަށް ފުޅާކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ