އަސްމާ ޕީއެންސީން ވަކިކުރަން އުޅޭކަމަށް ފެތުރޭ އަޑުތައް ދޮގު ކޮށްފި

އަސްމާ ޕީއެންސީން ވަކިކުރަން އުޅޭކަމަށް ފެތުރޭ އަޑުތައް ދޮގު ކޮށްފި

Author
ހުސައިން
07 އޭޕްރިލް 2026 06:26
0

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާމެދު ފިޔަވަޅު އަޅައި، ޕީއެންސީން ވަކިކުރަން އުޅޭކަމަށް ފެތުރިފައިވާ އަޑުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އަސްމާ ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯއެއް މީގެ ކުރިން ލީކުވެފައިވާއިރު، އެކަމާ ގުޅިގެން އޭނާގެ އާއިލީ ބައެއް ބޭފުޅުން ދާދިފަހުން ވަނީ ސަރުކާރުގެ އިސް މަގާމުތަކުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމުގައި ހުންނެވި އޭނާގެ ދަރިފުޅު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ. އާއިލާގެ ފަރާތުންވެސް ވަނީ މި ބޭފުޅުން މަގާމުން ވަކިކުރީ ލީކުވި އޯޑިއޯގެ މައްސަލައިގައިކަން ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން އަސްމާގެ މައްސަލަ ބަލައި ޕާޓީން ވަކިކުރަން އުޅޭކަމުގެ އަޑުތައް ގަދަވިއެވެ. ގާނޫނުއަސާސީއަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން، ޕާޓީން ވަކިކޮށްފިނަމަ އަސްމާގެ މަޖިލިސް ގޮނޑި ގެއްލޭނެއެވެ. ނަމަވެސް ފަލާހު ވަނީ އެފަދަ އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައި ނުވާކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނަށްވެސް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާޙާއި އެގްރޯނެޓްގެ އެމްޑީ ހުސެއިން ދީދީ މަގާމުން ވަކިކޮށްފައެވެ. އަދި އެމްޕީއެލްގެ އެމްޑީ މުޙައްމަދު ރިޝްވާން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. މި ބަދަލުތައް އައިސްފައިވަނީ، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވެރިކަންކުރާ ޕީއެންސީއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.