ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަނީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަނީ

Author
ހުސައިން
07 އޭޕްރިލް 2026 03:06
0

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ކުންފުނިން ވިއްކާ ގޭހުގެ އަގު ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެންނެވެ. އާ އަގުތަކަށް އަމަލުކުރަން ފަށާއިރު، އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅިއެއްގެ އަގު 200 ރުފިޔާއިން 350 ރުފިޔާއަށް އުފުލޭނެއެވެ. ވިލާއިން އަންނަނީ 4 ކިލޯ އާއި 10 ކިލޯގެ އިތުރުން 20 އަދި 45 ކިލޯގެ ގޭސްފުޅިވެސް ބާޒާރަށް ނެރެމުންނެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއެކު މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ގޭސް ހޯދުމަށް ދުނިޔޭގެ ބާޒާރުގައި ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. މިކަމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާއިރު، ޑިމާންޑު ބޮޑުވެ މިދިޔަ މަހު ގޭސް ލިބުމުގެ ދަތިކަމާހުރެ 10 ކިލޯގެ ބަދަލުގައި 5 ކިލޯގެ ފުޅިވެސް ކޮންޓްރޯލްކޮށްގެން ވިއްކާފައިވެއެވެ. ނަމަވެސް މޯލްޑިވް ގޭހަށް އާ ޝިޕްމަންޓެއް ލިބުމާއެކު އެ މައްސަލަ ފަހުން ވަނީ ހައްލުވެފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އެސްޓީއޯއިންވެސް ތެޔޮ ވިއްކާ އަގު ދާދިފަހުން ވަނީ ބޮޑުކޮށްފައެވެ. އެހެންނަމަވެސް، އިތުރަށް އަގު ބޮޑުނުކޮށް މިކަން މެނޭޖުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.